ފްރާންސްގައި، ސަރުކާރާ ދެކޮޅަށް މިއަދު ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ވެރިރަށް ޕެރިހާއި އެހެނިހެން ސިޓީތަކުގެ މަގުމައްޗަށް ނުކުމެ، ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައިފައިވެއެވެ.
މުޒާހަރާގެ ތެރޭގައި ބައިވެރިން ވަނީ މަގުތައް ބަންދުކޮށް، ބައެއް ތަންތަނާއި ވެހިކަލްތަކުގައި އަލިފާން ރޯކޮށްފައެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯންގެ އަމުރަށް 80،000 އަށް ވުރެ ގިނަ ފުލުހުން ފްރާންސްގެ މަގުތަކަށް ނެރިފައިވާއިރު، މި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފްރާންސްގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. މި މުއްދަތުގެ ތެރޭގައި ހަތަރު ބޮޑުވަޒީރަކު އައްޔަންކުރަން ޖެހުމަކީ ސަރުކާރާމެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ދައްކުވައިދޭ ކަމެކެވެ.
އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ސެބަސްޓިއެން ލެކޯނޫ އެވެ. އޭނާ މި މަޤާމަށް އައްޔަންކުރެވުނީ ކުރީގެ ބޮޑުވަޒީރު ފްރަންކޮއިސް ބޭރޯގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި، މަޤާމުން ދުރުކުރުމާ ގުޅިގެންނެވެ.
ފްރާންސްގެ ސިޔާސީ ހަލަބޮލިކަމާއެކު، ޤައުމުގެ މާލީ އަދި އިޤްތިޞާދީ ހާލަތާމެދު ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ކަންބޮޑުވުންތަކާއެކު ރައީސް މެކްރޯނަށް އޮތް ތާއީދު ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް ދަށްވެފައެވެ.



