މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓު މަހު 2.12 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ އެ މަހަށް އަންދާޒާކުރި އާމްދަނީއަށްވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން ވިދާޅުވާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިއަހަރު އެ އިދާރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ނުވަތަ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕަރޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އައި ފަތުރުވެރިންގެ އަދަދު %11.5 އިތުރުވެފައިވާތީއެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.16 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 240.6 މިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 191.2 މިލިޔަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މީރާއިން ފާހަގަކުރިގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީގެ 22.9 އިންސައްތައަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދެއްކި ފައިސާއެވެ. އަދި 9 އިންސައްތައަކީ މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.
އަދި މިދިޔަ އޮގަސްޓު މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 89.04 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.


