ޖުޑީޝަރީއަށް މާލީ ބާރުވެރިކަން ދިނުމަށް، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް އެ ދާއިރާއަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖުޑީޝަރީ މިނިވަންކަމާ އެކު ހިންގުމަށް އެންމެ މުހިއްމު ކަމަކީ މާލީ މިނިވަންކަން ލިބުން ކަމަށާއި އެކަމަށް މަގުފަހިކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ކެބިނެޓު ބައްދަލުވުމުގައި ވެސް މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ޖުޑިޝަރީއަށް މާލީ ގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓާއެކު، ލިބިގެންދާނެ ބޮޑު ބަދަލެއް ގެނައުމުގެ މަޝްވަރާ ވެސް ވަނީ ކުރެވިފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ވަކި ޕަސެންޓެއް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން އިއްޔެ ނިންމަވާފައިވާ ކަމަށެވެ.
”ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ވެސް ރައީސް ވިދާޅުވިއެވެ.



