މީގެ ހަ އަހަރު ކުރިން ހުޅުމާލޭ ފޭސް 1 ގައި ހިނގި ބަސް އެކްސިޑެންޓުގައި ޔޫކްރެއިންގެ އަންހެނަކު މަރުވި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ޖޮގިންއަަށް ނުކުމެ އުޅެނިކޮށް، ދުއްވާފައި އައި ބަހެއް ކޮންޓްރޯލްނުވެ އޭނާގެ ގައިގައި ޖެހިގެން، އޭގެ ދަށުވެގެންނެވެ.
އެމްޓީސީސީގެ އެ ބަސް އަންހެން މީހާގެ ގައިގައި ޖެހިފައިވަނީ ބަސް ޑްރައިވަރު ނިދިޖެހިފައި އިންދާ ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެން ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެއެވެ.
މި މައްސަލަ ފުރަތަމަ ހިންގީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައެވެ.
އެ ކޯޓުން އެ މައްސަލައިގައި ބަސް ޑްރައިވަރުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ނަގައިދިނުމަށްވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ބަސް ޑްރައިވަރުގެ ފަރާތުންނެވެ. ބަސް ޑްރައިވަރުގެ ފަރާތުން ހުށަހެޅި މި މައްސަލައިގެ އަޑު އެހުންތައް މި ހަފުތާގައި ހައިކޯޓުންވަނީ ފަށާފައެވެ.
އެ މައްސަލައިގެ އިސްތިއުނާފުގައި ބަސް ޑްރައިވަރުގެ ފަރާތުން ބުނެފައިވަނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ޑްރައިވަރުގެ ގަސްތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ނަގައިދޭން ހުކުމްކޮށްފައިވަނީ މަރުގެ ދިޔަ އިސްމާލީ ޝަރީއަތުގައި ހައްގުވާ މީހަކަށްތޯ ސުވާލު އުފައްދައި، ޑްރައިވަރުގެ ފަރާތުން އެދިފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށެވެ.




