އަފްޣާނިސްތާނުގެ ބިންހެލުމުގައި ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް 16.8 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އދ. އިން މިއަދު ބުނެފިއެވެ.
އދ. ގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) އިން ބުނެފައިވާ ގޮތުގައި މި ބިންހެލުމުގައި 134،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި، ވަގުތީ ހިޔާވަހިކަމަށް ބޭނުންޖެހިފައެވެ.
”އެތަކެއް އާއިލާތަކެއްގެ ހުރިހާ އެއްޗެއް ގެއްލި، މި ވަނީ މަގުމަތިވެފައި. އެކަށީގެންވާ ބޯހިޔާވަހިކަމެއް، ކާނާއެއް އަދި ސާފު ފެނެއް ނެތި،“ އައިއޯއެމްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އުގޯޗީ ޑެނިއަލްސް ވިދާޅުވިއެވެ.
އޮގަސްޓު 31 ވަނަ ދުވަހުގެ މެންދަމު އައި މި ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި 2،200 އަށްވުރެ ގިނަ މީހުން މަރުވެ، 7،000 ގެވަނީ ބިމާއި އެއްވަރުވެފައެވެ.
އަދި މި ބިންހެލުމުގެ އަސަރު ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް އައިއޯއެމްއިން ވަނީ ލަފާކޮށްފައެވެ.
އަފްޣާނިސްތާނުގެ ފިނި މޫސުން ކުރިއަށް އޮތްއިރު، އަވަސް އެހީތެރިކަމެއް ނުލިބި، އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައިތިބި އެތައް ހާސް ބަޔަކަށް، ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ނުރައްކަލުގެ ޙާލަތަށް ހުށަހެޅިގެންދާނެ ކަމަށް އައިއޯއެމްއިން ވަނީ އިންޒާރުދީފައެވެ.
ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް ކުރިމަތިވި މި ޤުދުރަތީ ކާރިޘާއަކީ އެ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް އދ. އިން ފާހަގަކުރެއެވެ.
މި ބިންހެލުން އައުމުގެ ކުރިން ވެސް އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 40 މިލިއަނަށްވުރެ ގިނަ މީހުންނަކީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުން ކަމަށް އދ. އިން ވަނީ ފާހަގަކޮށްފައެވެ.


