ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިއްޔެ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ދައުލަތެއް އުފެދުނު ނުދޭނެ ކަމުގެ ވައުދު ފުއްދާނަން ކަމަށެވެ.
”މިއީ އަހަރެމެންގެ ބިމެއް. މި ސިޓީގައި އާބާދީ ދެ ގުނަ ބޮޑުކުރާނަން އަދި ޔަހޫދީންގެ ތާރީހާއި ސަގާފަތް ދިރުވައި ޔަހޫދީންނަށް ރައްކާތެރިކަން ކަށަވަރުކުރާނަނަން.“ ގުދުސްގެ އިރުމަތީ ފަރާތުން ޖެހިގެން އޮންނަ މައާލީ އަދުމީމްގައި ޔަހޫދީން އާބާދުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ނަތަންޔާހޫ ބުންޏެވެ.
ޔަހޫދީން އާބާދުކުރަން ހުޅަނގު އައްސޭރީގައި 12 އަކަ ކިލޯމީޓަރު (ފަސް އަކަ މޭލު) ގެ ސަރަހައްދެއް ތަރައްގީކުރަން އިޒްރޭލުން ރާވައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު ބައިނަލްއަގުވާމީ ޕްރެޝަރާ ހެދި އެކަން ކުރިއަށް ނުގެންދެވި އޮތީ އެވެ. އާބާދުކުރަން ނިންމާފައިވާ ސަރަހައްދު އޮންނަނީ ގުދުސް އާއި ޔަހޫދީންގެ އާބާދެއް ކަމަށްވާ މައާލީ އަދުމީމް، ފަލަސްތީނުގެ އުތުރާއި ދެކުނުން ގުޅުވައިދޭ މަގުތަކުގެ ތެރެއިންދާ ގޮތަށެވެ.
އިޒްރޭލުގެ ހަރުކަށި މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އެ ބިމުގައި 3،400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ޕްލޭނަށް ތާއީދުކޮށްފައެވެ. އެހެންނަމަވެސް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މި ޕްލޭންގެ ސަބަބުން ހުޅަނގު އައްސޭރި ބައިވެ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުރަސްއެޅޭނެ ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރިން ހިފައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، އިޒްރޭލުގެ ޕްލޭނިން އެޕްރޫވަލް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެ އދ. ގެ އާންމު މަޖިލީހުގައި އެކަން އިއުލާނުކުރުމަށް އިނގިރޭސި ވިލާތާއި ފްރާންސް ފަދަ ނުފޫޒު ގަދަ އެތައް ގައުމަކުން މަސައްކަތްކުރަމުން އަންނަ އިޒްރޭލުން ގެންދަނީ އެކަމާ ދެކޮޅުހަދަމުންނެވެ.
އަދި ފަލަސްތީނުގެ ދައުލަތް އިއުލާނުކޮށްފި ނަމަ އިޒްރޭލުން ވެސް އަމިއްލައަށް ކަންކަން ނިންމާނެ ކަމުގެ އިންޒާރު ދީފައިވެއެވެ.



