ސުލްޙަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކޮށް މިނިވަން ދައުލަތް ގާއިމްކުރުމާ ގުޅޭ ”ނިއުޔޯކް ޑެކްލެރޭޝަން“ މިއަދު އދ. އިން ފާސްކޮށްފިއެވެ.
މި ގަރާރަށް ދިވެހިރާއްޖެއިން ވަނީ ފުރިހަމައަށް ތާއީދު ކޮށްފައެވެ.
މި ގަރާރަކީ މިދިޔަ ޖުލައި މަހުގެ 28 އިން 30 އަށް ސައުދީ އަރަބިއްޔާ އާއި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި ބޭއްވި ކޮންފަރެންސަށްފަހު ހުށަހެޅުނު ގަރާރެކެވެ. އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޖަލްސާގައި މި ގަރާރު ވަނީ 142 ގައުމެއްގެ ތާއީދާއެކު ފާސްކޮށްފައެވެ.
10 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓުދީފައިވާއިރު، 12 ގައުމަކުން ވަނީ ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.
މި ގަރާރު ފާސްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް މުހިންމު ގަރާރެއްކަމަށާއި، ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ކަމަށެވެ.
އެހެންނަމަވެސް، މި ގަރާރު ފާސްކުރުމުގެ ކުރިން އިޒްރޭލުން ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ހުރަސްއެޅޭ ގޮތަށް ގުދުސްއާ ޖެހިގެން، ހުޅަނގު އައްސޭރީގައި އާ އާބާދީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދިޔަ ނުދޭނެ ކަމަށް އިންޒާރުދީފައެވެ.
1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހުޅަނގު އައްސޭރިން ހިފައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، އިޒްރޭލުގެ ޕްލޭނިން އެޕްރޫވަލް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ.


