ހުޅުމާލޭ ފޭސް 1 ގެ ކަނނެލި ޖެޓީ ކައިރިން ގަވާއިދާ ޚިލާފަށް ސިނގިރެޓް ވިއްކަމުންދިޔަ ބަނގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު އެ ސަރަހައްދު ޕެޓްރޯލްކުރަމުން ދަނިކޮށް ފެނުނު މީހެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ބަލައި ފާސްކުރި ކަމަށެވެ.
އަދި ބަލައި ފާސްކޮށް ހައްޔަރުކުރެވުނު މީހާއަކީ 32 އަހަރުގެ އެމްޑީ ސައްދާމް ހުސައިންއެވެ.
އޭނާ ހައްޔަރުކުރެވުނު އިރު އޭނާގެ އަތުން ގިނަ އަދަދެއްގެ ސިނގިރެޓް ފޮށްޓާއި، ދުންފަތާއި، ސިނގިރެޓް ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އޭނާގެ އަތުން 53،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އާއި ސިނގިރެޓް އަނބުރަން ބޭނުންކުރާ ފޮށްޓެއްވެސް ފެނިފައިވާ ކަމަށެވެ.

އަދި މި ތަކެތި ފެނުމާ ގުޅިގެން ގަވާއިދާ ޚިލާފަށް ސިނގިރެޓް ވިޔަފާރި ކުރުމުގެ ތުހުމަތުގައި އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




