ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕްގައި ބައިވެރިވުމަށް މިހާތަނަށް 260އަށްވުރެ ގިނަ ފަރާތުން ރެޖިސްޓްރީ ވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަކީ، އިކޮނޮމިކް މިނިސްޓްރީއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16ވަނަ ދުވަހު ބާސެލޯ ނަސަންދުރާގައެވެ. އަދި އަތޮޅުތެރޭގެ ވިޔަފާރިވެރިންނަށް މި ވޯކްޝޮޕްގައި އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސިޔާޒް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުސަތު ލިބުމަކީ، ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ބޮޑު ކާމިޔާބީއެއް ކަަމަށެވެ.
”ދިވެހި ވިޔަފާރިތަކަށް އަލިބާބާގައި ލިސްޓުކުރުމަށް މި ފުރުސަތު ލިބުނީމަ، މި ލިބެނީ މުޅި ދުނިޔެއަށް ޕްރޮޑަކްޓް ވިއްކުމުގެ ޖާގައެއް. މި ފަދަ ފުރުސަތެއް ލިބުމަކި ރާއްޖެފަދަ ޤައުމަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެއް. ރާއްޖޭގަ ޑިސްޕްލޭ ކޮށްގެން ރާއްޖޭގަ ޝޯ ރޫމް ބަހައްޓައިގެން ފޮޓޯ ޑިޖިޓަލީ ޝޯރޫމްއެއް ކްރިއޭޓް ކޮށްގެން މުޅި ދުނިޔެއަށްއ އެ ފުރުސަތު އެބައޮތް“ ސިޔާޒު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ވިޔަފާރިކުރެވޭނެ ފަހި ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ މި ސަރުކާރުގެ އަމާޒެކެވެ.




