ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރިއަތް މާދަމާ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޝަމްއާން ހައްޔަރު ކޮށްފައިވަނީ ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން މި މައްސަލައިގައި މާރިޗް 20 ވަނަ ދުވަހުގެ ރޭ ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންއެވެ.
އޭގެފަހުން މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ވަނީ ހައްޔަރު ކޮށްފައެވެ. ހަމައެއާއެކު އެ މަހުގެ 23 ވަނަ ދުވަހު މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާނު ވެސް ހައްޔަރު ކުރިއެވެ. މި މީހުންގެ ތެރެއިން ޝެހެޝާން ފިޔަވާ އެންމެންގެ މައްޗަށް ދައުވާ ވަނީ އުފުލާފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
މި ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ޖޫން މަހު ފަހުކޮޅު ވަނީ ފަށާފައެވެ.
މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގާ ގުޅިގެން ހާމަކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން، މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ އިރު އެ އޮޕަރޭޝަން ހިންގީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށެވެ. އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ވެސް ހިލާފަށެވެ.



