ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން އިޒްރޭލުގެ ފިލްމީ އިންސްޓިޓިއުޝަންތައް ބޮއިކޮޓް ކުރަން ފަށައިފިއެވެ.
މިގޮތުން އިސްރާއީލުގެ ފިލްމު އިންސްޓިޓިއުޝަންތައް ބޮއިކޮޓްކޮށް، މިހާރު އަންނަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކާ ދެކޮޅަށް ޔަހޫދީންގެ ފިލްމީ މުއައްސަސާތަކުން އެއްވެސް ބަހެއް ނުބުނެ، އެކަން ދިފާއު ކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މި ޕެޓިޝަންގައި މިހާތަނަށް ދުނިޔޭގެ އެންމެ ވަރުގަދަ ފިލްމު އިންޑަސްޓްރީން 5،000 އާ ގާތްކުރާ އަދަދެއްގެ މީހުން ސޮއިކޮށްފައިވާ އިރު، އެމާ ސްޓޯން، މާކް ރަފަލޯ، އޮލީވިއާ ކޮލްމަން، ރިޒް އަހުމަދު، ޓިލްޑާ ސްވިންޓަން، ޒޭވިއާ ބާޑެމް އަދި ސިންތިއާ ނިކްސަންފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
ނަމަވެސް މި ކެމްޕޭނަކީ ހޮލީވުޑުގެ އެންމެހާ ފަރާތްތަކުން ތާއީދުކުރާ ކަމެއް ނޫނެވެ. އެގޮތުން މަޝްހޫރު ސްޓޫޑިއޯ، ޕެރަމައުންޓް ޕިކްޗާސްއިން ވަނީ މި ކެމްޕޭނާ ދެކޮޅަށް ފާޅުގައި އަޑުއުފުލާފައެވެ.
އިސްރާއިލުން ފަލަސްތީނާ ދެކޮޅަށް އޮކްޓޯބަރު 7، 2023 އިން ފެށިގެން ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 63،700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެއެވެ.
އަދި އެތަނުގެ ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.



