މަތީ ސާނަވީއަށް ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުޞަތާއެކު، މިއަހަރު އޭ-ލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުވެރިފަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މަތީސާނަވީގެ މުހިންމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ބުނެދީ، އެކަމަށް ސަރުކާރުން ގިނަ ފުރުސަތުތަކެއް މި އަހަރު ފަހިކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ދިރާސީ އަހަރު މަތީ ސާނަވީއަށް ވަން ދަރިވަރުންގެ އަދަދާއެކު ފެންނަނީ، ސަރުކާރުގެ ސިޔާސަތު ހާސިލްވަމުންދާތަން ކަމަށް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ 2023ވަނަ އަހަރު 6700 ދަރިވަރިން އޯލެވެލް ނިންމިއިރު، އޭ ލެވެލްއަށް ކިޔަވަން ވަދެފަވަނީ 2100 ދަރިވަރުން ކަމަށެވެ. ނަމަވެސް މިފަހަރު 6500 ދަރިވަރުން އޯލެވެލް ނިންމިއިރު، 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”2023ވަނަ އަހަރު، އޯލެވެލް ނިންމާ %32ވަރަކަށް ކުރިން އޭލެވެލްއަށް ކިޔަވަން ފެށީ. ނަމަވެސް ކުދިންގެ ހޭލުންތެރިކަމާ ޝަޢުގުވެރިކަން މިކަމަށް އިތުރުވެ، އޯލެވެލް ނިންމި ކުދިންގެ %49 ވަނީ މިއަހަރު އޭލެވެލްއަށް ކިޔަވަން ފަށާފަ. މިއީ ވަރަށް އުފާކުރާ ކަމެއް.“ މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.



