ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް 588 މީހަކު ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.
އެފްޑީސީން، ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކަން ހުޅުވާލިފަހުން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 588 މީހަކު ޑިޕޮސިޓް ދައްކާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާ އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000 ރުފިޔާ ދައްކަމް ޖެހެއެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500 ރުފިޔާ އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.




