މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15.5 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ ހަފުތާ ނިމުނު އިރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ 25.4 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ހިސާބުތަކުން ފެންނަ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދުތައް (ކެޕިޓަލް ހަރަދުތައް) 57.7 ޕަސެންޓް ދަށްކުރުމެވެ. ކެޕިޓަލް ހަރަދު އެވަަރަށް ކުޑަކުރި އިރު ރިކަރަންޓް ޚަރަދުގެ 56.7 ޕަސެންޓް ހޭދަކޮށްފައި ވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރިކަރަންޓް ހަރަދުވެސް ވަނީ 4.5 އިންސައްތަ ދަށަށް ގޮސްފައެވެ. ހިސާބުތަކުން ފެންނަ ގޮތުގައި ރިކަރެންޓް ހަަރަދުގެ ތެރެއިން ވެސް ދަށްވެފައި ވަނީ އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް ކުރި ހަރަދާއި މަރާމާތަށް ކުރި ހަރަދެވެ.
މީގެއިތުރުން ތަކެތި ހޯދުމުގެ ހަރަދު 15.5 އިންސައްތަ ދަށްވެފައި ވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 15.6 އިންސައްތަ ދަށްވެފައެވެ.
ރިކަރެންޓް ހަރަދުގެ ތެރެއިން ދަތުރުފަތުރުކުރުމަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 އިންސައްތަ ދަށެވެ. މީގެ އިތުރުން ދައުލަތުންދޭ އެހީ އާއި ސަބްސިޑީތަކަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 7 އިންސައްތަ ދަށް ކަމަށް ވެސް ފިނޭންސްގެ ހިސާބުތަކުން ދައްކައެވެ.




