ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު އެއްޗެއް ގޮވައި ފިހިގެން، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ދިވެހި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދު ނިޔާވީ މިއުނިކްގެ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބޭގޮތުގައި، ފައްޔާޒް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް، މިއަދު ކުއްލިއަކަށް ހާލު ދަށްވެ ނިޔާވީއެވެ.
ފައްޔާޒުގެ ހަށިގަނޑުގެ 50 ޕަސެންޓު އަނދާފައިވާއިރު، ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ސިކުނޑިއަށް ވެސް އަސަރުކޮށްފައިވެއެވެ. ނަމަވެސް، މި ހާދިސާ ހިނގި ގޮތެއް އަދި ސާފުވެފައެއް ނުވެއެވެ.
ފައްޔާޒަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ކައިޓްސާފަރުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އޭނާ ޖަރުމަނުގައި ދިރިއުޅެމުން އައީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެންނެވެ.




