މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، އެމްއެފްޑީއޭގައި ރަޖިސްޓްރީ ނުކޮށް ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ޓަކައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެފްޑީއޭ އާއި މާލޭ ސިޓީ ކައުންސިލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި އަދި ސާފުތާހިރު ކާބޯތަކެތީގެ ހިދުމަތްތައް ލިބިދިނުން ކަށަވަރުކުރުމެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަކީ ގާނޫނު ނަންބަރު 2024/6 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމްކޮށްފައިވާ ތަންތަން ކަމަށްވުމާއެކު، މި އިންސްޕެކްޝަންގެ ތެރެއިން ރަޖިސްޓްރީނުކޮށް ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އާންމުކޮށް، އެފަދަ ތަންތަން ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އިންސްޕެކްޝަނުގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމާއި، ކާނާ ތައްޔާރުކުރުމުގައި ބޭނުންކުރާ ތަކެއްޗާއި، ކާނާ ރައްކާތެރިކުރާ ގޮތްތަކާއި، ހިދުމަތްދޭ ތަނުގެ މުވައްޒަފުންގެ ސާފުތާހިރުކަން ހުރި މިންވަރަށް ހާއްސަ ސަމާލުކަމެއް ދެވޭނެކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
މި އިންސްޕެކްޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެމްއެފްޑީއޭގެ ނަންބަރު 7603204 ނުވަތަ 3014361 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.
އަދި މިއީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.



