ފ. ނިލަންދޫ އިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ، ރޭ ދަންވަރު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ރޭގައި ވިދާޅުވީ، ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް ރޭ 10:15 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް އެ ކުއްޖާގެ ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދިޔަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފުލުހުން މިއަދު ހެނދުނު ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ކުއްޖާ ފެނުނު ގޮތާއި އެނޫންވެސް އިތުރު ތަފްސީލު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.


