ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި ނައިބު ރައީސް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ތިއްބެވި މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެ ކޮމިޝަނަށް އަލުން ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު ކޮމިޝަންގެ ރައީސަކަށް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އަދި ނައިބުރައީސްގެ މަގާމަށް މުޙައްމަދު ނާސިހު އައްޔަނު ކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ. ނާސިހް ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަގާމުގައެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންތައް ދިރާސާ ކުރުމަށްޓަކައި އެކަމާ ގުޅުންހުރި ކޮމިޓީތަކަށް ވަނީ ފޮނުވާފައެވެ.
އެގޮތުން ސީއެސްސީގެ ރައީސާއި ނައިބު އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު އެޗްއާރުސީއެމްގެ ނައިބު އައްޔަންކުރެއްްވުމުގެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށެވެ.



