ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އެގޮތުން އެކި ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




