ސިޔާސަތުތައް ކަނޑައެޅުމުގައި ހުރިހާ ފަންތިއެއްގައިވެސް ރައްޔިތުންގެ އަޑު އަހައި، ޚިޔާލުތައް ބަލައިގަނެވޭކަން ކަށަވަރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއިގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޑިމޮކްރަސީގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކުމަށް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސަތު ކަނޑައެޅުމުގައި ކޮންމެ ދިވެއްސެއްގެވެސް އަޑު އަހައި، ހިޔާލުތައް ހުރިހާ ފަންތިއެއްގައިވެސް ބަލައިގަނެވޭކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވަނީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދުނިޔޭގައި އެބަޔަކަށް ހައްޤު މަޤާމު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި އެކު ދެމިތިބި ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި މިކަމާއި ގުޅުވައި އިޝާރާތް ކުރެއްވީ އަމިއްލަ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނަށެވެ. އެގޮތުން އަމިއްލަ ވެރިކަމެއް ކުރުމުގެ ހައްޤު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




