ޤަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ ދައުލަތުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތައް ދެވުނު ހަމަލާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޤަތަރުގައި މިހާރު ކުރިއަށްދާ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ދެއްވި ބަޔާނުގައެވެ.
ރައީސް ވަނީ ޤަތަރަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުން ދިޔައީ ސުލްހަ ޤާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރެވެ.
”މިއީ އެ ޤައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަންޖެހޭ ކަމެއް. މިއީ މަސައްކަތާމެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން،“ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޑޮކްޓަރުންނާއި، ނޫސްވެރިންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އާންމު ރައްޔިތުން އެއްވެސް ޖެހިލުމެއްނެތި މަރަމުންދާކަން ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކޮށް، އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ޤައުމުތައް ގުޅިގެން ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ރައީސް ގޮވައިލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އެއް އުއްމަތެއްގެ ގޮތުގައި ގުޅިގެން މިފަދަ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، އަބަދުވެސް އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާނެ ޤައުމެއްކަން ފާހަގަކުރައްވައި، މި ސަމިޓަކީ ހަމައެކަނި ވާހަކަތަކަށްވުރެ ބޮޑަށް ޢަމަލީ ފިޔަވަޅުތައް އެޅޭ ސަމިޓަކަށް ހެދުމަށް ގޮވާލެއްވިއެވެ.



