ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބައްދަލުވުމުން ލިބޭ ޚިޔާލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރުން ސޭލްސްއާއި މާކެޓިންގ ދާއިރާގެ ފަރާތްތަކާވެސް ބައްދަލުކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި މި ލޯނު ސްކީމަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ހުޅުވާލެވޭނެއެވެ. މިއީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އަޅުއްވާ ފިޔަވަޅެކެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެއްގެ ގޮތުގައި ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުން ހިމެނޭއިރު، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިންޑަސްޓްރީގެ ހިއްސާ ކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަދި މި މަސައްކަތުގެ ތެރެއިން، އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.



