ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ޒަޔަނިސްޓު އިސްރާއީލާއި ރަޝިޔާ ބައިވެރިވުން މަނާކުރަންޖެހޭ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު، ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި ޔޫކްރެެއިންއަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކަށް އިޝާރާތް ކުރައްވައި ސަންޗޭޒް ވިދާޅުވީ ދެ ޤައުމުން ކުރަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް އަންނަންދެން ދެ ޤައުމަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.
ސަންޗޭޒް މިހެން ވިދާޅުވީ، ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތުކޮށް މެޑްރިޑްގައި ކުރިއަށްދިޔަ މުޒާހަރާތަކެއް ހޫނުވެ، ލަ ވުއެލްޓާ ބައިސްކަލު ދުއްވުމުގެ މުބާރާތުގެ ފަހު ބުރު ކެންސަލްކުރަން ޖެހުނު ދަނޑިވަޅެއްގައެވެ. މުޒާހަރާތަކުގެ ސަބަބުން މުބާރާތުގެ އިނާމު ދިނުމުގެ ޕޯޑިއަމް ޙަފްލާ ވެސް ބޭއްވިފައެއް ނުވެއެވެ.
ސަންޗޭޒްއަކީ ޣައްޒާ އުދުވާނާ ގުޅިގެން ޔަހޫދީންނާ ދެކޮޅަށް ހަރުކަށި އަޑުއުފުލާ ބޭފުޅެކެވެ.
”މިއީ ބަޔަކު ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކެއް“ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.
މިދިޔަ އަހަރުގެ މެއި މަހު ސްޕެއިނުން ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވީ ސަންޗޭޒްއެވެ.
ޣައްޒާ ޢުދުވާނުގައި މިހާތަނަށް 64،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި 77،000 އަށްވުރެ ގިނަ ޔޫކްރެއިންގެ ސިފައިންނާއި 13،000 އަށްވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ. މި ދެ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން އިސްރާއީލާއި ރަޝިޔާއަށް ދެކޮޅަށް އެޅޭ ފިޔަވަޅުތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ސްޕެއިނުން ވަނީ ކުރިން ވެސް ރަޝިޔާއަށް އެ ޤައުމުގެ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް އިޢުލާނުކޮށްފައެވެ.
އަދި މިހާރު ޔަހޫދީންނަށް ވެސް އެފަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބޮޑުވަޒީރު ސަންޗޭޒް ގޮވާލައްވާފައި މި ވަނީ ޣައްޒާގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.


