ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށްގެން 12 މަސްދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ދެ ބައެއް ހިމެނެ އެވެ. އެއީ ގްރެޖުއޭޓް އިންޓާންޝިޕް އާއި ޓެކް ސްޓާޓް އިންޓާންޝިޕްއެވެ. ގްރެޖުއޭޓް އިންޓާންޝިޕްގައި 15 ބައިވެރިންނަށް ފުރުސަތު ދެވޭއިރު، ޓެކް ސްޓާޓް އިންޓާންޝިޕްގައި 10 ބައިވެރިންނަށް ފުރުސަތު ދެވޭނެއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ޕްރޮގްރާމްގެ ދަށުން އިންޓާންސްއިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ޓެކް ސްޓާޓް އިންޓާންސްއިންނަށް ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި އެލަވަންސްގެ މިންވަރު ވަނީ އިތުރުކޮށްފައެވެ. ގްރެޖުއޭޓް އިންޓާންސްއިންނަށް މަހަކު 9،000 ރުފިޔާގެ އެލަވަންސެއް ލިބޭއިރު، ޓެކް ސްޓާޓް އިންޓާންސްއިންނަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.
ބީއެމްއެލްއިން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓާންސްއަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައިވާއިރު، އޭގެ ތެރެއިން ބައެއް އިންޓާންސްއިންނަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވާ ކަމަށް ބޭންކުން ފާހަގަކުރިއެވެ.




