މިހާރު މަޖިލީހުގެ ކޮމިޓީގައިވާ މީޑިއާ ބިލުގައި ޤާނޫނު އަސާސީއާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ މިއަދު ލަފާ ދެއްވައިފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކައުންސެލް ޖެނެރަލް ވަނީ ބިލަށް ބައެއް ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުންތަކާއެކު ކޮމިޓީން ވަނީ ބިލް އަލުން ފާސްކޮށްފައެވެ. ފިލްޒާ ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމިޓީގެ ޖަލްސާގައި ނޫސްވެރިން ވަނީ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އަދި ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
އެހެންނަމަވެސް، މިއަދު އެކެއް ޖެހިއިރު ބޭއްވި މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ޕެޓިޝަން ބޭރުކޮށްލާފައެވެ. މީޑިއާ ބިލާމެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ 14 އިސްލާހެއް ހުށަހަޅާފައެވެ. އަދި މި އިސްލާހުތަކާއެކު މައިގަނޑު ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ބައެއް ނޫސްވެރިން ވެސް ވަނީ މި ބިލު މިހާރު އޮތް ގޮތަށް ފާސްކުރުމަށް ތާއީދުކުރާ ކަން ހާމަކޮށްފައިވުމެވެ.



