ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްކަމަށް، މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ޝަފީޤް މަޙްމޫދު އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މޫމިިނާ ވަހީދުގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
އެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ދިރާސާ ކުރެއްވުމަށްފަހު އެ ކޮމިޓީން ވަނީ ޝަފީގަކީ މަގާމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ފާސްކޮށްފައެވެ.
މީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި މިކަމަށްޓަކައި ނެގި ވޯޓުގައި އެ މަގާމަށް ޝަފީގް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 67 މެންބަރުންގެ ވޯޓުންނެވެ.



