ކ. ކާށިދޫ ސިއްޙީ މަރުކަޒުގައި އަލަށް ތަޢާރަފުކުރި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ކާށިދޫ ސިއްޙީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މި ދައުރުގައި ފިޒިއޮތެރަޕީގެ ޚިދުމަތް އަލަށް ތަޢާރަފުކުރި 5 މަރުކަޒުގެ ތެރޭގައި ކާށިދޫ ސިއްޙީ މަރުކަޒު ހިމެނެއެވެ.
ހެލްތު މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، ކާށިދޫއަކީ ފިޒިއޮތެރަޕީގެ ޚިދުމަތަށް ނުހަނު ބޭނުންޖެހިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. މީގެކުރިން އެ ރަށުގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުންނަށް ޖެހެނީ ކަނޑު ހުރަސްކޮށް މާލެއަށް ދަތުރުކުރާށެވެ.
އޭގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ޚަރަދެއް ހިނގުމުގެ އިތުރުން، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު އެފަދަ ދަތުރުތައް ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރި އެވެ.
ނަމަވެސް އަލަށް ފެށުނު މި ޚިދުމަތާއެކު، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށުގައި ތިބެގެން ލުއިފަސޭހަކަމާއެކު މި ފަރުވާ ލިބިގެންދާނެ އެވެ.



