ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފިއެވެ.
މި ފެސިލިޓީއަކީ ސަކެޕްގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް ޕްރޮޖެކްޓްގެ ދަށުން މެކްސް، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ވެމްކޯ ގުޅިގެން ޤާއިމްކުރި ފެސިލިޓީއެކެވެ.
މިފެސިލިޓީއަކީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނާއި ވަށައިގެންވާ ކަނޑު ފަޅު ރައްކާތެރިކުރުމަށް ޤާއިމްކުރެވުނު ފެސިލިޓީއެކެވެ. އަދި މިއީ ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ހުޅުވި މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ވިދާޅުވީ މިމަރުކަޒުގެ ބޭނުމަކީ ކުނި ރީސައިކަލް ކުރުމަށްޓަކައި ތައްޔާރުކުރުންކަމަށެވެ. އެގޮތުން ޕްލާސްޓިކާއި އެލުމީނިއަމް ފަދަ ރީސައިކަލްކުރެވޭ ބާވަތުގެ ކުނި އަދި އެހެނިހެން ކުނިތައް ވެސް މެށިންތައް ބޭނުންކޮށްގެން ފިއްތާ ބޭލްކުރެވޭނެކަމަށް ވިދާޅުވިއެވެ.
މި ފެސިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިންގެ އިތުރުން ހައިޑްރޯލިކް ޕެލެޓް ސްޓެކަރއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ފެސިލިޓީގައި އޮފީހާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރި ވެސް ވަނީ ޤާއިމްކުރެވިފައެވެ. މީގެއިތުރުން ކުނިއުފުލުމަށް އެހީތެރިވެދިނުމަށް 4 ރަށު ޕިކަޕުވެސް މިފެސިލިޓީގައި އޮވެއެވެ.
ދެމެހެއްޓެނިވިގޮތަކަށް މިފެސިލިޓީ އޮޕަރޭޓްކުރުމަށްޓަކައި އެތަނުގައިވަނީ ސޯލާވެސް ހަރުކުރެވިފައެވެ. މި ފެސިލިޓީ ހިންގުމަށް ބޭނުންވާ ތަމްރީން ޕްރޮޖެކްޓްގެ ފަރާތުންވަނީ ވެމްކޯގެ މުއައްޒަފުންނަށް ދީފައެވެ.




