ކުރީގެ ރައީސުންނާއި މެންބަރުންނަށް ދައުލަތުން ދެމުންގެންދާ ބައެއް އިނާޔަތްތައް އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު ކުރީގެ ރައީސުންނަށް ދައުލަތުން ކުރަމުންދަނީ ވަރަށް ބޮޑު ހޭދައެކެވެ. ނަމަވެސް ޤައުމުގެ ހާލަތަށް ރިޢާޔަތްކޮށް މިކަމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ކުރިއަށް އޮތް މަޖިލީހުގެ ދައުރު ހުޅުވޭއިރު، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބެވި، މިހާރު މަޖިލީހުގައި ނޫޅުއްވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކަށް އިސްލާހުތަކެއް ގެނެސް، ބައެއް އިނާޔަތްތައް އުނިކުރަން ހުށަހަޅާނަން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކުން ރިޓަޔަރ ކުރެއްވުމަށްފަހު، އަލުން ދައުލަތުގެ މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް، އެ މަޤާމުގައި ފުލްޓައިމްކޮށް މަސައްކަތް ކުރައްވާއިރު ރިޓަޔަމަންޓް ޕެންޝަން ލިބިވަޑައިގަތުމަކީ ރަނގަޅުގޮތެއް ނޫންކަމަށް ރައްޔިތުން ދެކޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިއީ ޤައުމަށް ވަރަށް މުހިންމު އަދި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.




