ކުރިއަށް އޮތް 2026 ވަނަ އަހަރުން ފެށިގެން ބަޖެޓަށް ގެންނަ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޢަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓަވައި، ޖުޑީޝަރީ މިނިވަން ކުރެއްވުމަށް މަސައްކަތްތަކެއް ކުރެވެމުން އަންމަ ކަަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ނިޒާމު އޮތް ގޮތުން ޖުޑީޝަރީއަށް ނިކަމެތިކަމެއް ލިބޭ ކަމަށާ، ނަމަވެސް ކުރިއަށް އޮތް 2026 ވަނަ އަހަރުން ފަށައިގެން ބަޖެޓަށް ގެންނަވާ ބަދަލާއެކު ޖުޑީޝަރީ މިނިވަންވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
އެގޮތުން ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައަޅައި، ބްލޮކް ގްރާންޓް އުސޫލުން ފައިސާ ދޫކުރަން ފެއްޓެވުމުން، ޖުޑީޝަރީ ހިންގުމަށް ބޮޑު މިނިވަންކަމެއް ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާތަނަށް ބަޖެޓަކުން ކަނޑައަޅާފައި ނުވާ ވަރުގެ ބޮޑު ޕަސެންޓެއް އެކަމަށް ކަނޑައަޅުއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އެ ޕަސެންޓަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގްތަކަށް ވުރެ ބޮޑު އަދަދަކަށް ވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގާނޫނީ އަދި ފަންނީ ގޮތުންނާއި ނިޒާމީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ވެސް ރައީސް އޭރު ވިދާޅުވިއެވެ.



