ހަޤީގަތާއި އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމާއި، އެ ވާހަކަތައް ދެއްކުމުގެ ފުރިހަމަ މިނިވަންކަމެއް އެއްވެސް ތަހުޒީބީ މުޖްތަމައެއްގައި ނޯންނަ ކަމަށެވެ.
ހަމައެހެންމެ ކޮންމެ ކަމެއްގައިވެސް އުސޫލުތަކެއް އޮންނަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ. އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކީވެސް ކަރާމާތާއި އިއްޒަތާއި އަބުރެއް ލިބިގެންވާ ފަރާތެއްކަން ކަނޑައެޅީ އެމަނިކުފާނު ނޫން ކަމަށާއި އެކަން ކަނޑައެޅުއްވީ މާތް ﷲކަމަށެވެ.
އެހެންކަމުން އެ އަބުރު ރައްކާތެރި ކުރުމަކީ އެއީ ކޮންމެ މީހެއްގެވެސް ހައްގެއް ކަމަށާއި އަދި އެއީ އަނެކާގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހަޤީގަތާއި އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދައްކާ ލިޔެ ހެދޭނެ ކަމަށާއި ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކްރިއޭޓް ކުރެވޭނެ ކަމަށެވެ.




