ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗްގެ 340 ބައިވެރިން މިއަދު ތަމްރީނު ފެށުމަށްޓަކައި މާފިލާފުށްޓަށް ފުރައިފިއެވެ.
ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައިވެރިން އެ ރަށުގައި ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ބައިވެރިން ހޮވާފައިވަނީ މިދިޔަ ޖުލައި މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުނު އިންޓަވިއުތަކަކާއި ސްކްރީނިންގ މަރުހަލާއަކަށް ފަހުގައެވެ.
މި ގޮތުން މާލެ، ހއ. ދިއްދޫ، ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން އަދި އައްޑޫގައި އިންޓަވިއުތައް ބޭއްވުނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފަށާ މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ޒުވާނުން ބިނާކުރުމަށް އަމާޒުކޮށްގެން ފަށާ މުޅިން އައު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1,244 ޒުވާނުން ކުރިމަތިލާފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.



