ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށްދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިހާރު ޕާކިސްތާނަށް ކުރައްވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ޕާކިސްތާނަށް ވަޑައިގެންނެވީ އަންގާރަ ދުވަހުއެވެ.
މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިޤްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހާއެކު މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފެއްދުމުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.



