ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ހައްގު ނޫން ބަޔަކަށް ގެދޮރާއި ފްލެޓުދިން މައްސަލާގައި ކުރީގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އެއިރުގެ އިސްވެރިންގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި އިއުލާނާއި ފުލެޓު ދޫކުރުމުގެ އުސޫލާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓުދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ބައެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ:
° މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައި ހުރި މއ. އެވަރލާސްޓް / އަކްރަމް ކަމާލުއްދީން
° މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ / މުޙައްމަދު އާރިފް
° މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް
° މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މއ. ވިރާޙް، ޟިރުޣާމް ވަޙީދު
ޕީޖީ އޮފީހުން ބުނީ، މި މީހުންނަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއް ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ބައިތައް އެކަށީގެންވާ ވަރަށް ތަހިގީގުކުރެވުމުން ދަޢުވާކުރުމާ މެދު ގޮތެއް ނިންމޭނެކަމަށް ޕީޖީން ބުންޏެވެ.




