މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި ނޫސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިންނަށް އަނިޔާވެރި ވެފައިނުވާނެ ކަމަށާއި ބޮޑަށް ބެލީ ވިސްނައިދީގެން މުޒާހަރާ ހުއްޓުވޭތޯ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ކުރި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާވެރިވި މައްސަލަ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާފައެވެ.
އެ މައްސަލައިގައި ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވާ އެހެން ތަނަކަށް އެއްވާނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަންޖެހޭނެ ކަމަށެވެ. ނޫސްވެރިންގެ މުޒާހަރާއަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައިނުވާތީއާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށް ވުމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވީ ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ.
މީގެއިތުރުން އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެފައިވަނީ ފުލުހުންގެ އޮޕަރޭޝަނަށް ހުރަސްއަޅާފައި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައިވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ކަމަށާއި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަދަ ތަކެތި ބޭނުންކޮށްފައިނުވާނެ ކަމަށެވެ.




