އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ފަނާކުރުމުގެ ސިޔާސަތު ކަމަށް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު ސިނގިރޭޓު ޑިއުޓީ ކުޑަކޮށް ވޭޕް ބޭން އުވާލާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ޚަބަރަށް އިޝާރާތްކުރައްވައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވެފައި ވަނީ ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޝްވަރާއާއެކު މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓު ޑިއުޓީ ކުޑަކޮށް، މަނާކޮށްފައިވާ ވޭޕް ހުއްދަކުރާނެ ކަމަށެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހަލާކަށް ސިޔާސަތެއް އެކުލަވާލަންޏާ، އަބަދުވެސް އެސިޔާސަތެއްގެ އެކުލަވާލަނީ އެމްޑީޕީން ކަމަށެވެ.
”ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްކަން ދެއްވީ ރައްޔިތުންނާއި ޖީލެއް ދުންފަތުން ސަލާމަތް ކުރުމަށް. ނަތީޖާ އަކީ މިއަދު އެތައް ރައްޔިތުންނެއް އެ ވިހައިން ދަނީ ސަލާމަތްވަމުން. ދުންފަތާއި ވޭޕުން ޒުވާނުން ދަނީ މަޑުމަޑުން ދުރުހެލިވަމުން“ ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީއަށް މުހިއްމުވީ ރައްޔިތުންގެ ސިއްހަތަށްވުރެ ޤައުމަށް ޑިއުޓީއަށް ލިބޭނެ ފައިސާކޮޅު ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ފަނާކުރުމުގެ ސިޔާސަތު ކަމަށް އަބަދުވެސް ދަންނަވަމުން އަންނަނީ އެހެންވެ ކަމަށް ޝުޖާއުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.



