ވ. ކެޔޮދޫގައި އަންނަ އަހަރު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކެޔޮދޫއަކީ ގެސްޓްހައުސް ލޯކަލް ޓޫރިޒަމްވެސް ވަރަށް ފުޅާ ރަށެއް ކަމަށާއި ވަރަށް ގިނަ މީހުން އެކަން ކުރާ ކަމަށެވެ.
އެކަމަށް ސަރުކާރުން މަރުހަބާ ކިޔާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ވިޔަފާރި ފުޅާކުރުމަށްޓަކައި ސަރުކާރުން އެކިކަހަލަ ލޯން ސްކީމްތައް ވެސް ތައާރަފްކުރުމަށް އެމަނިކުފާނުގެ ސިޔާސަތުގައި ހިމަނާފައިވާނެ ކަމަށެވެ.
”އެހެންވީމަ މިރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް އިތުރަށް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



