މ. ވޭވަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވޭވަށު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.
ސަރުކާރުން މިހާރު ވަނީ 2026 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށަކީވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމުގެ އަމާޒު ހިފާފައެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި، އަދި ޕޮލިސް ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި ކުށްކުރުން މަދުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ކަމެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފެށުމާއެކު، މަސްތުވާތަކެތީގެ މައްސަލަތަކަށް ޙައްލު ހޯދުމާއި، ގޭންގު މާރާމާރީގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.




