ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ޤައުމީ އޮޕަރޭޝަނުގެ ތެރެއިން ޤާނޫނާ ޚިލާފަށް ބިދޭސީންނަށް ވިޔަފާރިކުރަން އެހީތެރިކޮށް ފޯރުކޮށްދޭ ދިވެހިން ހޯދައި، ފިޔަވަޅު އަޅުއްވާނެކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަސީހު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތަކެއް ގަވާއިދާ ޚިލާފަށް ހިންގާކަން ފާހަގަކުރެވިފައިވެއެވެ. އަދި މި ވިޔަފާރިތަކުގެ ތެރޭގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ލައްވާ ޤާނޫނާ ޚިލާފަށް ވިޔަފާރިތައް ހިންގާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި އިޢުލާންކުރެއްވި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ހަރަކާތްތެރިވަމުންދާ ކަމަށް ފަސީހު ވިދާޅުވިއެވެ.
”ބިޒްނަސްތަކަށް ވަދެ، ބިދޭސީންނާ ގުޅުންހުރި ނަން ދެވިފައި އެބަހުރި މަގުތަކަށް. މިއީ ފަސޭހަ އޮޕަރޭޝަނެއް ނޫން. ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން އެބަތިބި މިކަމުގެ އަޑީގައި. ސީރިއަސްކޮށް މަސައްކަތްތަކެއްކޮށްގެން ކާމިޔާބުވާނީ،“ ފަސީހު ވިދާޅުވިއެވެ.
މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީންނާއި އެފަދަ ބިދޭސީންނަށް ކަންކަން ފަހިކޮށްދޭ ދިވެހިންގެ މައްސަލަތައް ތަޙުޤީޤުކުރެވި، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފަސީހު ވިދާޅުވިއެވެ.



