ކެނެޑާ އާއި އޮސްޓްރޭލިއާ އިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފިއެވެ.
މިކަން އިއުލާނުކުރެއްވީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އާއި ފޮރިން މިނިސްޓަރު ޕެނީ ވޮންގްއެވެ.
އެ ދެބޭފުޅުން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރާ އުންމީދުތައް އޮސްޓްރޭލިޔާއިން ބަލައިގަންނަ ކަމަށެވެ. އަދި އެ ނިންމުމުން ރަމްޒުކޮށްދެނީ އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ސުލްހައާއި ރައްކާތެރިކަން ގާއިމް ކުރުމަށް އޮސްޓްރޭލިއާއިން ކުރާ ބުރަ މަސައްކަތް ކަމަށް ވެސް ދެބޭފުޅުން ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ދެ ދައުލަތް ގާއިމް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށެވެ. ނަމަވެސް މި ނިންމުމަކީ ހުރިހާ މައްސަލައަކަށް ހައްލެއް ގެނެސްދޭނެ ކަމެއް ނޫންކަން ވެސް ކެނެޑާއިން ވަނީ ފާހަގަކޮށްފައެވެ.
ކެނެޑާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، މި ނިންމުމަކީ އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަމިއްލަ ނަފްސު ކަނޑައެޅުމާއި އަސާސީ އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި، ކެނެޑާއިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ.
ފަލަސްތީނު ބަލައިގަތުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ފަދަ އެކުވެރި ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ކާނީ ވަނީ މިދިޔަ ޖުލައި މަހު ވެވަޑައިގެންނެވި ވައުދު ފުއްދަވައިދެއްވާފައެވެ.
މި ހަފްތާގައި ނިއުޔޯކްގައި ބޭއްވޭ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިތުރު ގައުމުތަކަކުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.




