ސައުދީ އަރަބިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ސައުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ސައުދި އަރަބިއާއަކީ ރާއްޖޭގެ ގާތް އެކުވެރި ޤައުމެއް ކަމަަށާއި ރާއްޖޭގެ ތަރައްގީގެވެސް މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސައުދީ އަރަބިއާއިން މިއަދު ފާހަގަކުރަމުންދަނީ، އެޤައުމުގެ 95 ވަނަ ޤައުމީ ދުވަހެވެ.




