މިހާރު އަމަލުކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނު ފާސްކުރުމާ ދެކޮޅަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށުގައި ނޫސްވެރިން ކުރި މުޒާހަރާގައި، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށްބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ.
އެޗްއާރްސީއެމްއިން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހު މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގުކުރުމުގެ މަސައްކަތާއި، މުޒާހަރާގެ ތެރެއިން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ ކޮމިޝަންގެ މުވައްޒަފުން ދިޔައީ މުޒާހަރާ ގާތުން ބަލަމުން ކަމަށާއި، ކޮމިޝަންގެ އެންޓި-ޓޯޗާ ސެކްޝަނުން މުޒާހަރާއާ ގުޅޭ މައްސަލަތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ތަހުގީގު ނިމުމުން ހިއްސާކުރާނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.



