ސައުދީ އަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖްލީހުގެ ރައީސް އަދި ސައުދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚު މިއަދު އަވަހާރަވެއްޖެއެވެ.
ޝައިޚް އަވަހާރަވުމުން އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝެއިޚްގއ މައްޗަށް ރާއްޖޭގައިވެސް ކަށުނަމާދު ކުރުން އޮންނާނެ ކަމަށެވެ.
”އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް. އަދި އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި ޚުޠުބާ ދެއްވާފައިވޭ. އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރުން އޮންނާނެ“ މިނިސްޓަރ ވިދާޅުވިއެވެ.
މުފްތީ ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ޢަބްދު ﷲ އާލު ޝައިޚުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.




