ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ސަރުކާރުން ނިންމައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ ހިޖުރީ ގޮތުން ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ މިއަދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު އިއްޔެ ނެރުއްވި ޚިޠާބެއްގައި ވިދާޅުވެފައިވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މި މުނާސަބަތަކީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީހީ ދުވަސް ކަމަށެވެ.
އެހެންކަމުން މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކު ކަމުގައި ވެސް އެމަނުކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، އުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމާއި ތަޢުލީމާއި ތަރުބިއްޔަތު، ދަރީންނަށް ދިނުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަކު އަނެކަކާ ރީތި ބަހުން މުހާތަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



