ހުޅުމާލެ ފޭސް ދޭއްގައި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މިހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ) އަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހާދިސާގެ ސީސީޓީވީ ފުޓޭޖު ބެލުމަށްފަހު މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެދަށުންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ހުޅުމާލެ ފޭސް ދޭއްގައި ކަފިހި ހުރަސްމަތިން މަގުހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ގައިގައި ކާރުންޖެހި އެކްސިޑެންޓުވުމުންވެސް ކާރު މަޑުނުކޮށް ކާރުގައި އިން މީހާ ވަނީ އެ ސަރަހައްދުން ގޮސްފައެވެ.
އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ބިންދައިގެން ގޮސްފައިވާއިރު އޭނާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައެވެ.
ކާރު ދުއްވަން އިން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.



