މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު މިއަދު އާންމުކޮށްފިއެވެ.
މި ގަވާއިދަކީ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރަންޖެހޭ ޤަވާއިދެކެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދުގައިވާގޮތުން އެ ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ އިންތިޚާބަށް ހުޅުވައިލުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން 10 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ މުއްދަތުގައި ނަން ހުށަހަޅާ ފަރާތްތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބުދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މިހާރު ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި ގަވާއިދުގައިވާގޮތުން އިންތިޚާބުގައި މެންބަރުންނަށް ވޯޓުދިނުންވެސް ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ. އެގޮތުން ބްރޯޑްކާސްޓަރުންނަށް ވޯޓުދެވޭނީ އެ ދާއިރާއިން އިންތިޚާބުކުރާ ދެ މެންބަރުންނަށެވެ. އަދި އެހެނިހެން މީޑިއާތަކަށް ވޯޓުދެވޭނީ އެ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރަކަށެވެ.
މި އިންތިޚާބުގައި ވޯޓުލާން ކޮންމެ މީޑިއާއަކުން ފޮނުވޭނީ އެކަކު ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ފޮނުވާ މީހަކު ކުންފުނިން ނުވަތަ މީޑިއާއިން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.



