ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކުރާ 45 ތަނެއް މިހާތަނަށް ބަންދު ކޮށްފިއެވެ.
މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަންގައި ފާއިތުވި 4 ދުވަހު 400 ތަނެއް ބަލައި، މިންގަނޑަށް ނުފެތޭ 45 ތަން ބަންދުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
މި އިންސްޕެކްޝަނަކީ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންސްޕެކްޝަނެއްކެވެ. އެހެން ނަމަވެސް ”ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާ“ އެކު، މި އަހަރުގެ އިންސްޕެކްޝަން ވަރަށް ބޮޑަށް ހަރުދަނާ ކުރެވިފައިވާކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.
މިއޮޕަރޭޝަންގައި އިންސްޕެކްޓް ކުރަން ހަމަޖެހިފައިވަނީ ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް، ޓޭކްއަވޭ ތަންތަނުގެ އިތުރުން ކާބޮތަކެތީގެ ޙިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި އެމްއެފްޑީއޭގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ.



