މި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ކުޑަގިރީގައި 500 ގަސް އިންދައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކުޑަގިރީގައި މި މަހު 22 އިން 25 އަށް ކުރިއަށްގެންދިޔަ ނެޝަނަލް ޕެޓްރޯލް ކޭމްޕުގެ ތެރެއިން، 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ.
އެގޮތުން އެ ހަރަކާތުގައި ޖުމްލަ 500 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިނިސްޓްރީން ބުނީ ކުޑަގިރީގައި ބޭއްވި އެ ކޭމްޕުގައި، ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ސްކޫލްތަކުގެ ސްކައުޓުންނާއި ސްކައުޓް ލީޑަރުން ބައިވެރިވެ، ގަސް އިންދުމުގެ ޢަމަލީ މަސައްކަތުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ، މުސްތަގުބަލުގައިވެސް މިފަދަ ތިމާވެއްޓާބެހޭ ހަރަކާތްތަކުގައި ބައިވެރިވެ، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މީގެ ސަބަބުން ޒުވާނުންގެ މެދުގައި ތިމާވެއްޓަށް ދޭ އަހަންމިއްޔަތު އިތުރުވެ، ދިރިއުޅުމުގެ ރަނގަޅު އާދަތައް އަށަގަތުމަށް ބާރުއަޅާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.



