ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) 36އ މިރޭ ނިޔާވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ހެމޮރެޖިކް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެގެން އިފްރާހުއަށް އޭޑީކޭގައި ދިޔައީ ފަރުވާ ދެމުންނެވެ.
ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް އެޅުނު ލޭތަކުން ބައެއް ނެގިފައިވާއިރު ދުޅަތިރިކުރުމަށް އެ ދުވަހުގެ ހަވީރު އޭނާ ބާއްވާފައި އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައެވެ.
އަދި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިރޭ އޭނާ ވަނީ ނިޔާވެފައެވެ.
ކުލަބު ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. ރާއްޖެއިން 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދި ސްކޮޑުގައި ވެސް އިފްރާހް ހިމެނެއެވެ.




