ތ. ގުރައިދޫ އެއަރޕޯޓު2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ކަމަށެވެ.
“އެ އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭ“ ގުރައިދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ގުރައިދޫގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި އަންނަ ނޮވެންބަރު މަހު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ރަހުނަކާ ނުލައި، ތިން މިލިޔަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާ ލޯން ސްކީމް، ބޭންކް އޮފް މޯލްޑިވްސް އިން ދާދި އަވަހަށް ހުޅުވާލައްވާނޭ ކަމަށެވެ.
އަދި ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް، އަންނަ އަހަރު ގުރައިދޫގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ.
މީގެ އިތުރުން ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



